މޯލްޑިވްސް އިމިގްރޭޝަން

މިދުވަސްވަރު މުއްދަތު ހަމަވާ ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވީސާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީ، 19 މާޗް 2020 އިން ފެށިގެން 30 ޖޫން 2020 ދެމެދަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ނިންމާ ފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވިސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވިސާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 19 މާޗް 2020 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވުމާއި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އެންގުމާއި ގުޅިގެން ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަން އެއިދާރާއިން ވަނީ ފާހަކޮށްފައެވެ. އެގޮތުން މި ގެނެވުނު ބަދަލަކީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

އިމިގްރޭޝަނުން އިއްޔެވަނީ ކޮވިޑް 19އާ ގުޅިގެން މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރަން ހުށަހަޅައި އޮންލައިންކޮށް ފައިސާދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައެވެ.