ޚަބަރު

ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި ދެ މީހަކު ފުރުން މަނާކޮށްފި

އިބްރާހިމް ޒަކީ

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދެ މީހަކު ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓި ޝަމްއާންގެ އާއިލާގެ މެންބަރަކީ އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒެވެ. ނަމަވެސް ފުރުން މަނާކުރި ދެ މީހުންގެ މައުލޫމާތެއް އަދި ލިބިފައެއް ނެތެވެ.

ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން އޭނާ ވަކިކޮށް، ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އެ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ތިން އޮފިސަރަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު 10 ދުވަހަށް އަދި އެކަކު ތިން ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ޝަމްއާންއަށް ކުރަނީ ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކުރި ބިދޭސީންތަކެއްގެ ތެރެއިން އެކަކު ދޫކޮށްލުމަށް ފަހު، އޭގެ މުގާބިލުގައި އެ މީހާގެ އަތުން 530،000 ރުފިޔާ ނެގިކަމުގެ ތުހުމަތެވެ. އެ ތުހުމަތާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.