ކުއްލި ޚަބަރު

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފި

އަލީ ޔާމިން

2

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާފައިވާކަން ތ. ގުރައިދޫ ކައުންސިލުގެ މެންބަރު ނައުފަލް ހަސަން ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ގުރައިދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަވާ މޫސާ މަނިކް ވިދާޅުވީ، އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިރޭ 1:00 ވަނިކޮށް ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެމީހާ މަރާލައިފައި އޮއްވާ ފެނިފައިވަނީ އެރަށު "ކަންޑަރު" ކިޔާ ސަހަރައްދުންނެވެ. އެމީހާގެ ކަރަށާއި، ބަނޑަށް ވަނީ ހަމަލާދީފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ތ. ގުރައިދޫގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން "ވަން" އަށް ވިދާޅުވީ، ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެ ބިދޭސީ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟