އީޒީ ޖެޓްގެ ނުވަ މިލިއަން މީހުންގެ ޑާޓާ ހެކްކޮށްފިއެވެ.
އީޒީ ޖެޓުން ބުނީ އެކުންފުނީގެ ޑޭޓާ ސެންޓަރުތަކަށް ވަރުގަދަ ސައިބާ އެޓޭކެއް ދީފައިވާ ކަމަށެވެ. މި އެޓޭކުގެ ސަބަބުން އީޒީ ޖެޓްގެ 9 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ.
އީމެއިލް އައިޑީގެ އިތުރުން ދަތުރުފަތުރުގެ މައުލޫމާރުތުވެސް ހެކަރުން ހެކްކޮފައިވާ ކަމަށް އީޒީ ޖެޓުން ބުނެއެވެ. މީގެއިތުރުން 2208 ކަސްޓަމަރުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވެސް ހެކަރުން ނަގާފައިވާ ކަމަށް އީޒީޖެޓުން ބުނެއެވެ.
ހެކަރުންގެ ހަމަލާތަކެއް އަންނަކަން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފާހަގަވެފައިވާ ކަމަށް އީޒީޖެޓުން ބުނެއެވެ. ނަމަވެސް ކަސްޓަަމަރުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ހެކަރުން ހޯދިކަން އެނގިފައިވަނީ އޭޕްރިލްގައި ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
އީޒީ ޖެޓުން ބުނެފައިވަނީ ކަސްޓަމަރުންގެ ކްރެޑިޓްކާޑުގެ ފަހަތުގައިވާ ތިން އަދަދުގެ ނަމްބަރު ވެސް ހެކަރުން ހޯދައިފައިވާ ކަމަށާއި މިކަމުގެ ނުރައްކާ ކުޑަކުރުމަށް ތަހުގީގު އަވަސްކޮށްފައިވާކަމަށެވެ.
އީޒީޖެޓުން މިހާރު އަންނަނީ މައުލޫމާތު ލީކުވެފައިވާ ކަސްޓަމަރުންނަށް އެކަން އަންގަމުންނެވެ.