މުހައްމަދު އައުޒަމް
ޕާކިސްތާނުގެ ވިޔަފާރިތައް ހުޅުވާލަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ޕާކިސްތާނު ސުޕްރީމް ކޯޓުން ވިޔަފާރިތައް ހުޅުވާލަން އަމުރު ކޮށްފައިވަނީ އެގައުމުގައި ކޮވިޑް19 ގެ ބަލިމަޑުކަމުގެ ޕެންޑެމިކެއް ނެތްކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާން އިއްވަވަމުން އެގައުމުގެ ޗީފް ޖަސްޓިސް ގުލްޒާރު އަަހުމަދު ވިދާޅުވީ ކޮންމެ ދުވަހަކު އެގައުމުން ކޮވިޑް އާ ނުގުޅޭ އެތައް ކަމެއްގައި މީހުން މަރުވަމުން ދާކަމަށާއި ކޮވިޑް ގެ ނުރައްކަލަށްވުރެން އެހެން ނުރައްކާތައް ބޮޑުވެފައިވާ ކަމަށެވެ. މީގެ އިތުރުން ކޮވިޑާއި ގުޅިގެން އެތައް ފައިސާއެއް ހަރަދުކުރެވިއްޖެ ކަމަށް ވަނީ ބުނެފައެވެ.
އެގައުމުގެ ޝޮޕިން މޯލްތައްވެސް އާންމުންނަށް ހުޅުވާލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޕާކިސްތާނު ސަރުކާރުންވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ދާދިފަހުން އެގައުމުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއިވެސް ކުރައްވައިފައެވެ. އެގޮތުން ކުދި ބާޒާރުތައް ދުވާލުގެ ވަގުތުތަކުގައި ހުޅުވުމުގެ ހުއްދަ ދެއްވުމުގެ އިތުރުން ބައެއް މޯލްތައްވެސް ވަނީ ހުޅުވައިފައެވެ.
ފާކިސްތާނުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 43 ހާހަށްވުރެ މައްޗަށް އަރާފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 985 އަށް އަރައިފަ އެވެ.