ކުއްލި ޚަބަރު

ފަތުރުވެރިކަން އަލުން ހުޅުވާލުމަށް، މަޖިލީހުގެ ލަފަޔަކަށް މިނިސްޓަރު އަލީ ވަހީދު ހުށަހަޅުއްވައިފި

ކޮވިޑް 19 އާ ގުޅިގެން ބަންދު ކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަން ނިއު ނޯމަލްގައި އަލުން ހުޅުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެކަމަށް މަޖިލީހުގެ ލަފަޔަކަށް އެދި ހުށަހަޅާފައިވަނީ، ކޮވިޑް 19ގެ މި ހާލަތުގައި ވެސް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓަަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި، ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކަށް ފޮނުވާފައިވާ "ސޭފް ޓޫރިޒަމް"ގެ އުސޫލުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެންނެވެ.

އެ އުސޫލުތަކާއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ޓޫރިޒަމް އަލުން ފެށުމާބެހޭގޮތުން މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ކަމާމެދު މަޖިލީހުން ބޭނުންވާ ކަންތައްތައް އަންނަ ހޯމަ ދުވަހުގެ ކުރިން އެންގުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައި ވެއެވެ.

އެ ސިޓީގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ އުސޫލުތައް ކަނޑައަޅާފައި ވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އުސޫލުތަކާއި ދުނިޔޭގެ ވިޔަފާރިޔާ ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ)ގެ ލަފަޔާއި އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި ދުނިޔޭގެ އެހެން ގައުުމުތަކުގައި އަމަލުކޮށްފައިވާ ގޮތްތައް ބަލާފައިވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު މަޖިލީހަށް ފޮނުއްވި ދެލިކޮޕީގައިވާ ގޮތުން، އަލުން ޓޫރިސްޓުން ގެންނައިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓް ތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެއެވެ.

މީގެ އިތުރުން ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުން 100 ޑޮލަރު އަދި ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.

މިކަމާބެހޭ ދެލިކޮޕީ އިތުރަށް ދިރާސާ ކުރަން މަޖިލިސް ރައީސް ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުއްވައިފައެވެ.