އޭރު ފެނުނު ބޮޑެތި އަދަދުތައް ދަށްކުރެވުނީ ސަރުކާރުން އެޅި ފިޔަވަޅުތަކުން އަދި ރައްޔިތުން އެއްބާރުލުން ދިނުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން ގޮސްދާނެ ކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރެވުނު ނަންބަރުތަކަށް ސަރުކާރުން ތައްޔާރުވަމުންދިޔަ ނަމަވެސް މިއަދާ ހަމައަށް އެވަރަށް މީހުންނަށް ބަލި ނުޖެހުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ފުރަތަމަ އަންދާޒާ ކުރެވުނު ވަރަށްވުރެ ރަނގަޅަށް ހާލަތު ކޮންޓްރޯލް ކުރެވިފައި މިވަނީ ޑޮކްޓަރުންގެ ލަފަޔާއެކު ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކާއި އެކަމަށް ސަރުކާރުން ދުރާލާ ވަމުންދިޔަ ތައްޔާރީގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދިޔަ ފިޔަވަޅުތަކާ ގުޅިގެން ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ބަލިމަޑުކަން ބޮޑުނުވެ ރަނގަޅާށް ގެންދިއުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދިނީ ދަތިކަމާއި އުދަނގުލުގައި ތިބެގެން ވެސް ދިވެހި ރައްޔިތުން ދެއްވި އެއްބާރުލުން ކަމަށެވެ.
މަބްރޫކު މިހެން ވިދާޅުވިއިރު މާލެ ލޮކްޑައުން ކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވެ، މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށްރަށަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ގޮތާމެދު ހިތްހަމަނުޖެހި ސަރުކާރަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ދަނީ އެކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.