ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން ހޭދަތައް ކުރީ އޭރު ފެނުނު ނަންބަރުތަކަށް ބަލައިގެން، އެއިން އެއްވެސް އެއްޗެއް ބޭކާރެއް ނުވާނެ

ކޮވިޑާ ގުޅިގެން ހޭދަތައް ކުރީ އޭރު ފެނުނު ނަންބަރުތަކަށް ބަލައިގެން ކަމަށާއި އެއިން އެއްވެސް އެއްޗެއް ބޭކާރެއް ނުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ބައެއް ހަރަދުތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް ބޭފުޅުންނާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުންގެ ވެސް ފާޑުކިޔުން އަންނަނީ ލިބެމުންނެވެ. އަދި އިގްތިސާދު ހުޅުވާލަންޖެހޭ ކަމަށާއި މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން އަނބުރާ ދެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް އަންނަނީ ގޮވާލަމުންނެވެ.

އެކަންކަމާ ގުޅިގެން އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ބަލި ރާއްޖޭން ފެނުނު ހިސާބުން ދުނިޔޭގެ އެހެން ގައުމުތަކަށް ވަމުންދާ ގޮތަށް ރިއާޔަތްކޮށް، އެބައްޔާ ދެކޮޅަށް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ނުވަތަ އަޅާ ފިޔަވަޅުތައް ރަނގަޅަށް މަސައްކަތް ނުކޮށްފިނަމަ ރާއްޖޭގައި ބަލި ފެތުރިގެން ގޮސްދާނެ ކަމަށް އަންދާޒާ ކުރެވުނު ނަންބަރުތަކެއް ހެދުނު ކަމަށެވެ.

ސަރުކާރުން ތައްޔާރުވަމުން ދިޔައީ އެ އަދަދުތަކަށް ބަލައިގެން ކަމަށާއި އަދި ރާއްޖޭގައި އޭރުންސުރެ ފިޔަވަޅުތައް އަޅަމުންދިޔައީ ޑޮކްޓަރުންގެ ލަފަޔާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އިނީޝިއަލީ ޕްލޭން ކުރެވުނުއިރުގައި ރައްކާތެރިކަމުގެ ގޮތުން ނަންބަރުތަކެއް ޖެހުނު. ނެޝަނަލް ރިކުއަމަންޓް ލިސްޓެއް ހެދުނު. ރާއްޖޭގައި މި ބަލިމަޑުކަން ފެތުރިއްޖެނަމަ ދެން މިކަމަށް ބޭނުންވާނެ ތަކެއްޗަކީ މިއީއޭ. މިތަކެތި ހުންނަންޖެހޭ ކަމަށް ލިސްޓެއް ހަދައިގެން އެއާ އެއްވަރަށް އެއްޗެހި ހަމަކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮވިޑުގެ ކާރިސާ ރާއްޖެއަށް ކުރިމަތިވުމުގެ ކުރިން ވެސް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރަހައްދީ ފަސް ހޮސްޕިޓަލް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑާ ގުޅިގެން ގެންނަ މެޝިނަރީ އާއި އާލާތްތަކަކީ ކޮވިޑްގެ ހާލަތު ނިމުމުން އެ ހޮސްޕިޓަލްތަކަށް ނުވަތަ އެތަކެތި އެންމެ ބޭނުންވާ ރަށްރަށަށް ފޮނުވޭނެ ތަކެތި ކަމަށާއި އެއީ އިސްރާފު ކުރެވޭނެ ތަކެތި ނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.