ކުއްލި ޚަބަރު

އުމުރުން 65 އަހަރުން މަތީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް!

އުމުރުން 65 އަހަރުން މަތީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހުން ނެގެޓިވް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ނެގުނު ރެންޑަމް ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުން، 65 އަހަރުން މަތީގެ ކެޓަގަރީއަށް ފިޓުވާ މީހުންގެ ތެރެއިން ޖުމުލަ ސާމްޕަލް ނެގިފައިވާ މީހުންގެ އަދަދަކީ 105. މީގެ ތެރެއިން ފަސް ސާމްޕަލެއްގެ ނަތީޖާ އަދި އަޅުގަނޑުމެންނަކަށް ނުލިބޭ. 99 ސާމްޕަލްގެ ނަތީޖާ ނެގަޓިވް. އެއް ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް." އޭނާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުން އަންނަ މީހުންނަކީ ކޮވިޑް ޖެހުުމުގެ ފުރުސަތު ބޮޑު ބަޔަކަށްވާތީ، އުމުރުން ދުވަސްވީ މީހުންގެ އެކްޓިވް ސަވޭލަންސްގެ ތެރެއިން ވަނީ ސާމްޕަލްތައް ނަގަން ފަށައިފައެވެ. އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވަނީ އެމީހުންގެ ތެރޭގައި ބަލި ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ކަމަށާއި އެކަމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް މީގެ ކުރިން ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 1،143 މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 86 މީހެކެވެ.