ކުއްލި ޚަބަރު

ހިންމަފުށިން ނެގި 146 ރެންޑަމް ސާމްޕަލް ނެގެޓިވް ވެއްޖެ

ކ. ހިންމަފުށިން ނެގި 146 ރެންޑަމް ސާމްޕަލް ކޮވިޑަށް ނެގެޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ސާމްޕަލްތައް ނެގިފައިވަނީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި ޑްރަގު ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) އިންނާއި އިންޑަސްޓްރިލް ޒޯން އަދި ރަށު ތެރެއިން ރެންޑަމްކޮށް ކަމަށެވެ.

"މިގޮތުން އައްސޭރި ޖަލުން 36 ސާމްޕަލްއަކާއި ޑީޓީއާރުސީން 37 ސާމްޕަލްއަކާއި އިންޑަސްޓްރިއަލް ޒޯނުން 45 ސާމްޕަލްއަކާއި ރަށުގެ ތެރެއިން ރެންޑަމްކޮށް 28 ސާމްޕަލެއް، ޖުމުލަ 146 ސާމްޕަލް ނެގިފައިވޭ. އެ ހުރިހާ ސަމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައި. ސާމްޕަލްތަކުގެ ނަތީޖާ ނެގަޓިވް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޑީޓީއާރުސީގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހިންމަފުށީގައި އިތުރު ސަވޭލަންސް ސާމްޕަލްތަކެއް ނަގާފައިވަނީ އެ ރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ކަމަށެވެ.

ހިންމަފުށީގައި ހުންނަ ޑީޓީއާރުސީން ނެގި ދިހަ ސާމްޕަލްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ވަނީ ތިން ސާމްޕަލެއް ޕޮޒިޓިވްވެފައެވެ. އެކަމާ ގުޅިގެން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހިންމަފުށީ ރީހެބަށް ކޮވިޑު ދިޔައީ މާލޭން އެތަނަށް ދިޔަ ބައެއްގެ ފުށުން ކަމަށް ބެލެވޭ ކަމަށާއި މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑީޓީއާރުސީން ބޭރަށް ނުނުކުމެވޭ ގޮތަށް ލޮކްޑައުންކޮށްފައިވީ ނަމަވެސް އެތަނުގެ މެނޭޖްމަންޓަށް ނޭނގި ބައެއް މުވައްޒަފުން ރަށު ތެރެޔަށް ކޮންމެވެސް ވަރަކަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.