ވެންޓިލޭޓަރުން ނެގި މީހެއްގެ ނަތީޖާ ޑަބަލް ނެގަޓިވްވެ، ކޮވިޑުން ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ވެންޓިލޭޓަރުގައި އޮތް ބަލި މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.
"ޑީއެޗް 11ގައި މިހާރު ވަނީ ދެ ކޭސް. އޭގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލި މީހާ ވެސް މިހާރު ވެންޓިލޭޓަރުން ނަގާފައި. އޭނާގެ ސާމްޕަލް ޑަބަލް ނެގަޓިވް. އޭނާ މިހާރު ބައިޕެޕްގައި ވަނީ. އަދި އިތުރު އެއް ޕޭޝަންޓެއް އެޑްމިޓްކުރެވިފައިވޭ. އެއީ 32 އަހަރުގެ އަންހެނެއް،" އޭނާ ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ މައުލޫމާތުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކުރެވިފައިވަނީ ނުވަ ފިރިހެނަކާއި ދެ އަންހެނެއް ކަމަށާއި އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެކަކު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑަށް ޕޮޒިޓިވްވި 15 މީހަކު އިއްޔެ ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިއަދު މިހާތަނަށް 12 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ދިހަ ބިދޭސީއަކާއި ދެ ދިވެއްސެކެވެ.