އަލީ ޔާމިން
ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނެގެޓިވްތޯ ބަލަން ޓެސްޓު ހަދާނީ އެމީހުންގެ ފުށުން އަލާމާތްތައް އެއްކޮށް ދިޔައީމަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު 12 މީހަކު މިއަދު ރަނގަޅުވެ، ބަލީން ފަސޭހަވީ މީހުންގެ ޖުލްމަ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ޕޮޒިޓިވްވާ މީހުން ބައްޔަށް ނެގެޓިވްތޯ ބެލުމަށް ޓެސްޓު ހަދާނީ އެމީހުންގެ ފުށުން އަލާމާތް އެއްކޮށް ދިޔައީމަ ކަމަށެވެ.
"ޕޮޒިޓިވްވި މީހެއް ޓެސްޓު ކުރާނީ އެމީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް އެއްކޮށް ކެނޑިގެން ދިޔައީމަ. 14 ދުވަސް ވިޔަކަސް އަދި ނުކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ތެރެއިން ބަލިން ފަސޭހަވާން އެކި މީހުން ނަގަނީ އެކި ދުވަސް ކަމަށެވެ. މައިގަނޑު ގޮތެއްގައި އެހެން ދިމާވަނީ އެމީހުންގެ ދިފާއީ ނިޒާމުގެ ސަބަބުންނާއި، ހަށިގަނޑުގައި ބައްޔާ ދެކޮޅަށް އުފައްދާ އެންޓި ބޮޑީސްގެ ސަބަބުން ކަމަށެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،143 އަށް އަރައިފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.