ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވި ބަޔަކު ތިބިތޯ ބެލުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށައިފި

އަލީ ޔާމިން

ރާއްޖޭގައި ކޮވިޑް ޖެހި ރަނގަޅުވި ބަޔަކު ތިބިތޯ ބެލުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ހަދަން ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ބަލިން ރަނގަޅުވެފައި ތިބި މީހުން މުޖުތަމައުގެ ތެރޭގައި ތިބިތޯ ބެލުމަށް އެންމެ ފުރަތަމަ ޓެސްޓު ކުރަނީ، ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ތަންތަނުގައި ތިބި މީހުންގެ ތެރެއިން ކަމަށެވެ.

އެގޮތުން އޭގެ ތެރެއިން ބައެއް ބިދޭސީންގެ އެންޓިބޮޑީ ޓެސްޓު ހެދުމަށް މިއަދު ސާމްޕަލް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

"ބިދޭސީން ތިބޭ ކޮންޓެއިންމަންޓް ސައިޓްތަކުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންގެ އެންޓިބޮޑީ ޓެސްޓް ހަދަން މިއަދު ވަނީ ސާމްޕަލް ނަގަން ފަށައިފި. ޓެގް ޓީމުން ބަލަން ބޭނުން ވަނީ މި ބަލި ޖެހިފައި އެއްވެސް ބަޔަކު ރަނގަޅުވެފައި ތިބިތޯ،" މަބުރޫކު ވިދާޅުވިއެވެ.

އެންޓިބޮޑީ ނުވަތަ ސީރޮލޮޖީ ޓެސްޓު ހަދަނީ މީހެއްގެ ހަށިގަނޑަށް ބަލި ޖެހިފައި ހުރިތޯ ބެލުމަށާއި، އިމިޔުނިޓީސް ނޫނީ އެ ބަލި ދިފާއުކުރުމުގެ މާއްދާތައް ހަށިގަނޑުގައި އުފެދިފައި ހުރީ ކިހާވަރަކަށްތޯ ބެލުމަށެވެ. އެންޓިބޮޑީ ޓެސްޓުން ހަދައިފިނަމަ ކުރިން އެމީހަކަށް ބަލި ޖެހި ފަސޭހަވެފައި ހުއްޓަސް އެނގޭނެއެވެ. ނަމަވެސް ބައްޔަށް އިންފެކްޓުވާތާ އެއްދުވަސް ނުވަތަ ދެދުވަސް ތެރޭގައި އެ ޓެސްޓު ހަދައިފިނަމަ ބަލި ހުރި ކަމަށް ނުދައްކާނެއެވެ. ކޮވިޑަށް ޓެސްޓުކުރުމަށް ރާއްޖޭގައި އާންމުކޮށް ހަދަނީ ޕީސީއާރް ޓެސްޓެވެ.

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،143 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. އަދި މި ބަލީގައި ރާއްޖެއިން ވަނީ ހަތަރު މީހަކު މަރުވެފައެވެ.