ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި އެއްމަސް ނުފުރޭ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެ

އަލީ ޔާމިން

ކޮވިޑް 19 ޕޮޒިޓިވްވި އެއްމަސް ނުފުރޭ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 12 މީހަކު މިއަދު ކޮވިޑުން ފަސޭހަވެފައިވާ ކަމަށާއި އެއާއެކު ކޮވިޑުން ފަސޭހަވީ މީހުންގެ އަދަދު 86 އަށް އަރާފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑު ޖެހުނު 20 ދުވަހުގެ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލުން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށާއި، މިހާރު އިންތިޒާރުކުރަމުން އަންނަނީ ތިންވަނަ ސާމްޕަލްގެ ނަތީޖާއަށް ކަމަށެވެ.

"20 ދުވަހުގެ ބޭބީގެ ސެކަންޓް ސާމްޕަލް ވަނީ ނެގެޓިވްވެފައި. ތިންވަނަ ސާމްޕަލްއަކަށް ވެއިޓް މިކުރަނީ މިހާރު،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވި އެއް މަސް ނުފުރޭ ތުއްތު ކުއްޖާއަކީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާއާ ކޮންޓެކްޓުވި މީހަކު ފަހުން ބައްޔަށް ޕޮޒިޓިވްވި ކަމަށްވެސް ވިދާޅުވިއެވެ. އެ ކުއްޖާ ބައްޔަށް ޓެސްޓުކުރި އިރު ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ ކުއްޖާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވީ ނަމަވެސް އެ ކުއްޖާގެ މަންމަ އަދި ބައްޕަގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.