އަލީ ޔާމިން
ގައިން ގަޔަށް އަރާ ހުރިހާ ބައްޔެއް ވެސް ޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ސޯޝަލް ޑިސްޓެންސިން ނުވަތަ ގައިދުރުކަން އިހުތިޔާރު ކުރުމުން އެހެން ހުރިހާ ގައިން ގަޔަށް އަރާ ބަލިތަކުގެ ޓްރެންޑް މިހާތަނަށް ނުފެންނަ ވަރަށް ތިރިއަށް ޖެހިފައިވާ ކަމަށާއި އެގޮތުން ހަމައެކަނި އަރިދަފުސް ރޯގާގެ ބާވަތްތަކަށް ބަލައިފި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން ތިރިވަމުންދާ ތަން ފެންނަ ކަމަށެވެ.
"ޖުމުލަކޮށް ގައިދުރުކުރުން މިހާތަނަށް ރާއްޖޭގައި ނެތް މިންވަރަކަށް މިވަނީ ގައިދުރުކުރެވިފައި. އެހެންވީމަ ގައިންގަޔަށް އަރާ ހުރިހާ ބަލިތައް ވަރަށް ބޮޑަށް ތިރިވެފައި މިވަނީ. އަޅުގަނޑުމެން އާންމުކޮށް މި ކިޔާ ބޭސް ލައިން ނުވަތަ ނޯމަލީ ގައުމެއްގައި ހުންނަ މިންވަރަށް ވުރެ ވެސް ބޮޑަށް، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް ދަށްކޮށް މި ފެންނަނީ،" އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮށަށް ދަށްވެފައިވާ ކަމަށެވެ. އަދި ބޭރަށް ހިންގުމުގެ ކަންކަން ވެސް ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެން އަހަރުތަކުގައި މި ދުވަސްވަރަކީ އާންމުކޮށް ޑެންގީއާއި ބޭރަށް ހިންގުން ފަދަ މޫސުމީ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ފަސޭހައިން ޖެހޭ ފަދަ މޫސުމީ ރޯގާތައް ޖެހޭ މިންވަރު މަދުވެފައި މިވަނީ ގިނަ ބަޔަކު ގޭގައި ތިބެގެން އާންމު ސާފުތާހިރުކަމާއި ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމަށް އިސްކަން ދޭތީ ކަމަށެވެ.