ކޮވިޑް ޖެހިފައި ވަނިކޮށް ގެއްލުނު އިތުރު އެކަކު ފެނިފައިވާ ކަމަށާއި މިވަގުތު އޭނާ ހުރީ ވިލިމާލޭ ޑިޓެންޝަން ސެންޓަރުގައި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެކި ސައިޓްތަކާއި ރެންޑަމްކޮށް ނަގަމުން އަންނަ ސާމްޕަލްތައް ނެގުމަށްފަހު އެމީހުންގެ މައުލޫމާތާއި ގުޅޭނެ ނަންބަރު ހޯދުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ޓެސްޓުގެ ނަތީޖާތައް އެމީހުންނާ ހިއްސާކުރަމުންނެވެ.
އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ހަތް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވި ނަމަވެސް އެމީހުން ދިން ނަންބަރުތަކަށް ގުޅިފައި ނުވާތީ އެޗްޕީއޭ އިން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. އެގޮތުން އެ ހަތް މީހުންގެ ތެރެއިން މިދިޔަ ހަފްތާގެ ނިޔަލަށް ފަސް މީހަކު ވަނީ ފުލުހުންނަށް ފެނިފައެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ނުފެނި ތިބި ދެ މީހުންގެ ތެރެއިން އެކަކު މިހާރު ފެނިފައިވާ ކަމަށެވެ. އޭނާގެ ކޭސް ނަންބަރަކީ 594 ކަމަށެވެ. އަދި ފުލުހުން ހޯދަމުން އަންނަ މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ އެންމެ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭނާ ފެނުނީ ކޮންތަނަކުން ކަމެއް މަބްރޫކު ވިދާޅުވެއްނުވެއެވެ.
އެޗްޕީއޭ އިން ކޮވިޑްގެ މައުލޫމާތުތައް އަޕްޑޭޓް ކުރަމުން އަންނަ ވެބްސައިޓަށް ބަލާއިރު ކޭސް ނަންބަރު 594 އަކީ މިމަހުގެ ފަސް ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހެކެވެ. ނަމަވެސް އޭނާގެ އުމުރެއް ބުނެފައެއް ނުވެއެވެ.
މަބްރޫކު މީގެ ކުރިން ވިދާޅުވީ، ގެއްލިގެން ހޯދަމުން އަންނަ މީހުން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.