އިތުރު 37 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ބަންގުލަދޭޝްގެ 19 މީހަކާއި އިންޑިއާގެ ތިން މީހެކެވެ.
މި ހަފުތާގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ފެނިފައިވަނީ މިއަދުއެވެ. މިދިޔަ އާދީއްތަ ދުވަހު ފެނުނީ 16 ޕޮޒިޓިވް ކޭސްއެވެ. އަދި އިއްޔެ ފެނުނީ 12 ޕޮޒިޓިވް ކޭސްއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 80 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.