މުހައްމަދު އައުޒަމް
ލޮކްޑައުން އުވާލުމުގެ ކުރިން ޔޫގެންޑާގެ ހުރިހާ ރައްޔިތުންނަށް މާސްކު ބަހަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
42 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޔޫގެންޑާއިން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ.
ޔޫގެންޑާގެ ރައީސް ޔޮވޭރީ މުސެވެނި ވަނީ އެގައުމުގައި ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ކުރިން އެގައުމުގެ 6 އަހަރުން މަތީ ކޮންމެ މީހަކަށް ހިލޭ މާސްކު ބެހުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވައިފައެވެ.
ޔޫގެންޑާގައި، މެއި މަހުންފެށިގެން އާންމުތަންތާގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.
ޔޫގެންޑާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުން އުވާލައި ގައުމު އާންމު ހާލަތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ލޮކްޑައުން އުވާލުމުން ފިހާރަތަކާއި އާންމު ދަތުރުފަތުރު ހުޅުވާލަން ވަނީ ނިންމައިފައެވެ. އަދި ވިޔަފާރި ކުރުމުގައި އުޅޭ މީހުނަށްވެސް ހާއްސަ ގަވާއިދުތަކެއް ކަނޑައަޅައި އަމަލު ކުރުމަށް އެގައުމުން ވަނީ ނިންމައިފައެވެ.
ޔޫގެންޑާގެ ލޮކްޑައުން އުވާލިނަމަވެސް އެގައުމުގެ ބޯޑަރު ނުހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެެވެ. އެގައުމުން މިހާތަނަށް 260 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ގިނަ ކޭސްތަކެއް ފެނިފައިވަނީ ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ މީހުންގެ ފަރާތުންނެވެ.