އިބްރާހިމް ޒަކީ
ކޯޓް އަމުރެއް ނެރުމުގައި، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށްބުނާ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަންގެ މިއަހަރުގެ 36 ވަނަ ބައްދަލުވުން މިދިޔަ އަދިއްޔަ ދުވަހު ބޭއްވި ކަމަށެވެ. އެ ބައްދަލުވުމަކީ، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި ކޮމިޝަންގެ ހަތް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ބުނެފައި ވެއެވެ.
އެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން، ކޯޓް އަމުރެއް ނެރުމުގައި، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ގާނޫނުއަސާސީއާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށްބުނާ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމައި ކޮމިޓީިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން ކޮމިޓީން ބަަލަން ނިންމާފައިވާ އެއް މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލެވުނެވެ. މިގޮތުން ތަހުގީގު ކޮމިޓީ އެކުލަވާލެވުނީ ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަމަލުކޮށްފައިވާ ކަމަށް ބުނެ މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް،" ޖޭއެސްސީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.