ކޮވިޑް 19

ކޮވިޑް 19ގެ ޕީކް މާޒީވެއްޖެެ، ރޯދަމަހާ އެކީ ކޮވިޑްގެ ކަންތައް ނިމޭނެ: ޑރ. ހަސަން ހަމީދު

އިބްރާހިމް ޒަކީ

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19ގައި އަރާނެ ކަމަށް ބުނަމުން އަންނަ ޕީކް، މާޒީވެއްޖެ ކަމަށާއި، ކޮވިޑް 19 ގެ ކަންތައް މި ރޯދަމަހާ އެކީ ނިމޭނެ ކަމަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ.

ޑރ. ހަސަން ހަމީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ރޭ މައުލޫމާތު ދެއްވަމުންނެވެ.

ޑރ. ހަސަން ވިދާޅުވީ، ކޮވިޑްގެ މިވަބާ ވަރަށް ދިގު ދުވަސްތަކެއް ވަންދެން ކުރިއަށްދާނެ ކަމަށް ގިނަ ބަޔަކު ހީކުރާ ކަމަށެވެ.

ކޮވިޑާ ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، އެންމެ އަވަހަށް މިކަމުން އަރައިގަނެވޭނެ ކަމަށް ބެލެވެނީ ޖޫން ތިނެއްގައި ކަމަށްވެސް ޑރ. ހަސަން ވިދާޅވިއެވެ.

"ވަރަށްގިނަ ބޭފުުޅުންނަށް ހީފުޅުވެފަ އޮންނަނީ، ކޮވިޑްގެ މިވަބާ، ނޫނީ މިރޯގާ، ވަރަށް ދިގު ދުވަސްތަކެއް ވަންދެން ހިނގައިދާނެކަމަށް، އެކަމަކު ދުނިޔޭގެ ކަންތައް ހިނގާގޮތަށް، ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، އެންމެ ކާމިޔާބު ކަމާއެކީ މިކަން ކޮންޓްރޯލްކުރި ނިއުޒީލެންޑްގައި މިއަދު، މި ހޯމަ ދުވަހު ހުރިހާ ސްކޫލްކުދިން އެނބުރި ސްކޫލްތަކަށް ގޮސްފި، ހަމަ ފުލް ޔުނީފޯމުގައި ،އެބޭފުުން ލޮކްޑައުުންގައި ހޭދަކުރީ 49 ދުވަސް، އަޅުގަނޑުމެން ލޮކްޑައުން މިކުރީ އޭޕްރީލް 15 ވަނަ ދުވަހު،" ޑރ. ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ވިދާޅުވީ ކޮވިޑް 19ގައި އެންމެ މާޔޫސް ގޮތްތަކަށް ކަންތައް ކޮށް އެންމެ ގިނަދުވަހު ލޮކްޑައުންގައި އޮތީ، އިޓާލީ ވިލާތް ކަމަށާއ، އެގައުމުން ލޮކްޑައުން ނިންމާލީ 76 ދުވަހުން ކަމަށާއި، އޭޕްރީން 15 އިން 76 ދުވަހުގެ ލޮކްޑައުން ރާއްޖޭން ގުނައިފި ނަމަ އެންމެ ގޯސްކޮށް ބެއްޔަސް އެ މުއްދަތު ޖުލައި އެކަކަށް ނިމޭނެ ކަމަށެވެ.

"އެންމެވާސްޓްކޭސްގައި، އެއީ އެންމެ މާޔޫސީގޮތަށް ވިސްނާއިރު، އެންމެ އުއްމީދީ ގޮތަށް ވިސްނައިއިފިއްޔާ ހަގީގަތުގައި ހަމަ އީދު އައުމާ އެކީގައި މިކަން ނިމިގެންދާނެ،"

ޑރ. ހަސަން ވިދާޅުވީ މިކަން އަހަރަކަށް، ދެ އަހަރަށް ދެމިގެންދާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އޭގެ އެއްވެސް ދަލީލެއް ދެއްކެން ނެތް ކަމަށެވެ.

"އެކަމަކު ދުނިޔޭގެ އެތައް ގައުމަކުން ހަމަ، ފަހަރަކު ގައުމެއް އޯޕަންއަޕް ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަނެއްކަމަކީ، އީދު މިއަންނަނީ 23 ސަޓަޑޭގަ،"

ޑރ. ހަސަން ވިދާޅުވީ މި ބަލި ޖެހޭ މީހުންގެ 17.8 ޕަސެންޓް މީހުން ޕޮޒިޓިވް ވަނީ އެއްވެސް އަލާމާތެއް ނުފެނިކަމަށް ވޫހާންގެ ރިސާޗް ރިޕޯޓުގައި ލިޔެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ޖެހޭ 54 ޕަސެންޓް މީހުންނަށް އެކަމުގައި އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ ތިނެއް، ނުވަތަ ހަތަރު ޕަސެންޓް ކަމަށް، ކުރީކޮޅުގައި ބައެއް ޑޮކްޓަރުން ބުނި ނަމަވެސް މިބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ، 0.24 ކަމަށް އިހަށްދުވަހު ޖަރުމަނުން ބުނެފައިވާ ކަމަށްވެސް ޑރ. ހަސަން ފާހަގަކުރެއްވިއެވެ.

ޑރ. ހަސަން ވިދާޅުވީ ކޮވިޑް 19ގައި ބުނެފައިވާ ޕީކް ނުފެންނަނީ، ރާއްޖޭގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު ތަކުގެ ހަރުދަނާ ކަމުން ކަމަށެވެ

"އިނގިރޭސި ވިލާތުގައި ހެނދުނު އެކްސަސައިޒް ކުރަންވެސް ނުކުމެބޭ، ރާއްޖޭގައި ނުނިކުމެވޭނެ އެހާވެސް ހަރުދަނާ،" ޑރ. ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ހަމީދު މިމޭރުމުން ވާހަކަދެއްކެވި އިރު، ރާއްޖޭގެ ސިއްހީ މާހިރުން އެންމެ ފަހުން އާންމުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޕީކު އަންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މިދިޔަ ތިން ހަތަރު ދުވަހެއްގެ ތެރޭގައި ރާއްޖޭގައި އަލަށް ފެންނަ ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.