ކުއްލި ޚަބަރު

ޕީޕީއީ ތެމުމަކީ ނުރައްކާތެރިކަމެއް، އެކަމުގެ ސަބަބުން ސާމްޕަލް ނެގުމަށް ދަތިތަކެއް ކުރިމަތި އެބަވޭ: އާރްއާރްޓީ

ޕީޕީއީ ތެމުމަކީ ނުރައްކާތެރިކަމެއް ކަމަށާއި އެކަމުގެ ސަބަބުން ސާމްޕަލް ނެގުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރްއާރްޓީ) އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްއާރްޓީގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ މިއީ ވިއްސާރަ ދުވަސްވަރަކަށްވީމަ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށެވެ.

"މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވީމަ، އެއީ ވަރަށް ބޮޑު ޗެލެންޖެއް، ދަތިކަމެއް. ވިއްސާރަވީމަ އެއް ގެއިން ނުކުމެ އަނެއް ގެޔަކަށް ގޮސް ސާމްޕަލް ނެގުމާއި އަދި ހާއްސަ ޕީޕީއީއަކީ މީހާގެ ރައްކާތެރިކަމަށް ވަރަށް މުހިންމު އެއްޗެއް. ޕީޕީއީގައި ހުއްޓައި ތެމިއްޖެ ކަމަށްވަންޏާ، އެއީ ވަރަށް ބޮޑަށް އިންފެކްޝަނަށް ހުޅުވާލެވޭ ކަމެއް. ނުވަތަ އޭނާ ނުރައްކަތެރިކަމަށް އެ ވެއްޓެނީ. އެހެންވީމާ ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު، އެކަށީގެންވާ މާހައުލެއް އޮތުން،" އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އާރްއާރްޓީގައި މަސައްކަތްކުރުމަކީ ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް މީހުން، އަދި ޕޮޓެންޝަލް ޕޮޒިޓިވް މީހުންނަށް ހުށަހެޅޭ ކަމެއް ކަމަށާއި އެހެންވީމާ އެއީ ރިސްކު އެކުލެވިގެންވާ މަސައްކަތެއް ކަމަށެވެ. އަދި އާރްއާރްޓީއަށް މަސައްކަތްކުރުމަށް އައުމަށް މީހުން ޖެހިލުންވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.