އަލީ ޔާމިން
ފެސިލިޓީތަކުގައި މަސައްކަތް ކުރާ އޭޑީކޭގެ ސިއްހީ ހިދުމަތްތެރީންގެ އެލަވަންސާ މެދު ގޮތެއް ނިންމާނީ އެ ހޮސްޕިޓަލުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ފެސިލިޓީތަކުގައި މަސައްކަތް ކުރާ އޭޑީކޭގެ ސިއްހީ ހިދުމަތްތެރީންނަށް އެލަވަންސް ދިނުމާ މެދު އެންއީއޯސީއާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި އޭޑީކޭއަކީ އަމިއްލަ ހޮސްޕިޓަލެއް ކަމުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސް ދޭން ނިންމާނީ އެ ހޮސްޕިޓަލުން ކަމަށެވެ.
"އޭޑީކޭގެ ނަރުހުންނާއި އެބޭފުޅުންގެ ޕޭ ސްޓްރަކްޗާ އަދި އެލަވަންސްގެ ކަންކަން އަދި އަޅުގަނޑުމެންނަކާ ޑިސްކަސްއެއް ނުކުރެވޭ އަމިއްލަ ވިޔަފާރިއަކަށް އެ ވިޔަފާރިވެފައި. އެކަން ކުރާއިރުގައި އޭޑީކޭ ހޮސްޕިޓަލުން އަމިއްލައަށް ގޮތް ނިންމަވާނީ،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ސަރުކާރުގެ ބައެއް މުވައްޒަފުންނަށް އެލަވެންސް ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރީންނާއި، ސިފައިންނާއި ފުލުހުންގެ އިތުރުން އެންއީއޯސީގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ހިމެނެއެވެ. ނަމަވެސް އެލަވެންސް ދިނުމުގައި ފެސިލިޓީތަކުގައި މަސައްކަތް ކުރާ ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުގެ ސިއްހީ ހިދުމަތްތެރީންނަށް އެލަވަންސެއް ދިނުމަށް ނިންމައިފައެއް ނުވެއެވެ.
ރާއްޖޭގައި މިހާތަނަށް 1106 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ހިމެނެއެވެ.