މާލެ ލޮކްޑައުންގައި އޮތް ނަމަވެސް، ރެޕިޑް ރެސްޕޮންސް ޓީމު (އާރްއާރްޓީ) އިން ސާމްޕަލް ނެގުމަށް ދަތުރުކުރާއިރު ވެހިކަލް ޓްރެފިކުގައި ޖެހޭ ކަމަށް އެ ޓީމުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްއާރްޓީގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ ބައެއް ފަހަރު ޓްރެފިކުގައި ޖެހުމަކީ މަސައްކަތަށް ލަސްވާ ސަބަބެއް ކަމަށެވެ.
"ބައެއް ފަހަރު އަޅުގަނޑުމެންގެ އާރްއާރްޓީ ޓީމުން މަގުމަތިން ދަތުރުކުރަމުންދާއިރު، ވަރަށް އަވަހަށް ދާން ޖެހޭ ތަނަކަށް ވެސް ތަން ނުލިބުމާއި ނުވަތަ ޓްރެފިކްގައި ޖެހޭ. ލޮންޑައުންގައި އޮންނަ އިރުވެސް ޓްރެފިކްގައި ޖެހޭ. އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ ލޮންޑައުނެއްގައި އޮތެއް ކަމަކު ޓްރެފިކެއް ނެތޭ. އެވެސް އަޅުގަނޑުމެންގެ މަސައްކަތަށް ލަސްވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ސާމްޕަލް ނަގަން ޖެހޭ މީހުންނަށް ފަސޭހަ ވަގުތެއްގައި ދެވޭތޯ ބަލާ ކަމަށާއި އެންމެ ހިތާމަކުރާ ކަމަކީ ހުރިހާ އެންމެން ބޭނުންވާ ގޮތަށް ކަންތައްތައް ނުކޮށްދެވޭތީ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ވެސް އޭނާ ފާހަގަކުރެއްވިއެވެ.