ކުއްލި ޚަބަރު

ކޮވިޑުގެ ކަންތައްތަކުގައި އުޅޭ އާރްއާރްޓީ ޓީމަށް ފުރައްސާރަކުރުންތަކާ ދަނީ ކުރިމަތިވަމުން: އާރްއާރްޓީ

ކޮވިޑުގެ ކަންތައްތަކުގައި އުޅޭ ރެޕިޑް ރެސްޕޮންސް ޓީމު (އާރްއާރްޓީ) ޓީމަށް ފުރައްސާރަކުރުންތަކާ ކުރިމަތިވަމުންދާ ކަމަށް އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރްއާރްޓީގެ ފަރާތުން ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ޕޭޝަންޓުން ގެންދާއިރު ފޮޓޯއާއި ވީޑިއޯ ނަގާތީ، އެކަން ހުއްޓުމުން ފުރައްސާރައާ ކުރިމަތިވާ ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑުމެން ބޭނުންވޭ މީހުންގެ ސިއްރު ހިފަހައްޓައިދޭން. ބައެއް ބޭފުޅުން އެއީ ކޮން ބައެއްކަން އެނގޭކަށް ބޭނުމެއް ނުވޭ. އެކަމަކު އަޅުގަނޑުމެން އެކި ފަރާތްތައް ސާމްޕަލް ނެގުމާއި ނުވަތަ ޕޭޝަންޓް މޫވްކުރާ އިރުވެސް ވީޑިއޯކުރުމާއި ފޮޓޯ ނެގުމާ، މިކަހަލަ ކަންތައްތައް ހިނގާ. އަޅުގަނޑުމެން ކިތަންމެ ބޭނުންނުވިޔަސް އެކަންތައްތައް ހިނގާ. ބައެއް ފަހަރު އެކަންތައްތައް ހުއްޓުވީމަ އަޅުގަނޑުމެންގެ އާރްއާރްޓީސްއަށް ފުރައްސާރަ ވެސް ކުރިމަތިވޭ،" އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ސާމްޕަލް ނެގުމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށާއި ދަންވަރެއްގައި، ފަތިހެއްގައި ގުޅިކަމުގައިވިޔަސް އެކަމަށް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތަށް ފަސޭހަތަކެއް ލިބޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.