ކުއްލި ޚަބަރު

ނަތީޖާ ނުލިބި 400 ވަރަކަށް ސާމްޕަލް އެބަހުރި: ރެޕިޑް ރެސްޕޮންސް ޓީމް

ނަތީޖާ ނުލިބި 400 ވަރަކަށް ސާމްޕަލް އެބަހުރި ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ އާރްއާރްޓީން މިހާތަނަށް 10،000 އެއްހާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ޓެސްޓުކުރުމުގައި 72 ގަޑިއިރުގެ ބެކްލޮގެއް އުޅޭކަން ވެސް އޭނާ ފާހާގަކުރެއްވިއެވެ.

"މިހާތަނަށް ގާތްގަނޑަކަށް 10،000 ވަރަކަށް ސާމްޕަލް ނެގިފައިވޭ. މިހާތަނަށް ބަލާއިރު، ޕެންޑިން ސާމްޕަލްސްގެ ގޮތުގައި މިއަދާ ހަމައަށް 400 ވަރު ސާމްޕަލް ޕެންޑް އެބަވޭ. އެއީ 72 ގަޑިއިރުގެ ބެކްލޮގެއް. އެއަށްވުރެ ކުޑަކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން. ޕޮޒިޓިވް ޕޭޝަންޓް މޫވްމަންޓަށް ބަލައިލާއިރު، ގާތްގަނޑަކަށް 400 އާ ގާތްކުރާ އަދަދަކަށް ޕޮޒިޓިވް ޕޭޝަންޓުން މޫވްކުރެވިފައިވޭ. ދެން ޕޭޝަންޓް މޫވްމަންޓްސްއަށް ބަލާއިރު ވެސް ގާތްގަނޑަކަށް 800 އެއްހާ ޕޭޝަންޓް މޫވްމަންޓްސް މިހާތަނަށް ހެދިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ޓެސްޓުކުރަން ދާން ބުނެފައި ލަސްވުމަކީ އާންމުންގެ ކަންބޮޑުވުން ހުރެދާނެ ކަމެއް ކަމަށާއި ނަމަވެސް އެއް ގެއިން ސާމްޕަލް ނެގުމަށްފަހު އަނެއް ގެޔަކަށް ދިއުމަށް ވަގުތު ނަގަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ގެޔަކަށް ދިއުމަށް ޕީޕީއީ ބަދަލުކުރަންޖެހޭތީ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން. ނަމަވެސް މިވާ ގޮތަކީ ކޮންމެ ގެޔަކަށް ވަދެފައި އާރްއާރްޓީގެ މެންބަރުން އަބަދުވެސް މިތިބެނީ ފުލް ޕީޕީއީގައި. ގެޔަކަށް ވަދެފައި ދެން ދާއިރުގައި ޕީޕީއީ ބަދަލުކޮށްފައި، އާ ޕީޕީއީ އަޅައިގެން މިދނީ. ޕޮޒިޓިވް ކޭސްއެއް ކަމަށް ބެލެވޭ މީހަކަށް އެޓެންޑުކޮށްފައި ދެން އެ ހުރި ގޮތަކަށް އެހެން ފަރާތަކަށް ހިދުމަތެއް ނުދެވޭނެ. އެހެންވީމާ މި ޖެހެނީ ޕީޕީއީ ބަދަލުކުރަން. އެވެސް ވަކި އަދަދަކަށް ޕީޕީއީ ބަދަލުކުރެވެނީ. އެހެންވީމާ އެ ޓީމުގެ ލިމިޓު ހަމަވާނެ ވަކި އަދަދަކަށް ސާމްޕަލް ނެގުމަށްފަހު. އެހެން ގްރޫޕެއް ދެން މި ނުކުންނަން ޖެހެނީ." އޭނާ ވިދާޅުވިއެވެ.