ކުއްލި ޚަބަރު

ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު މިދުވަސްވަރު ގެޔަށް ނުވައްދަވާ!: ޑރ. އަފްޒަލް

އަލީ ޔާމިން

ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު މިދުވަސްވަރު ގެޔަށް ނުވެއްދުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި ޕްރޮޖެކްޝަންތަކުން ކުރިއަށް އޮތީ ބަލީގެ ނުރައްކާތެރި ދުވަސްތައް ކަމަށް ދައްކާތީ، ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު މިދުވަސްވަރު ގެޔަށް ނުވެއްދުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މި ދުވަސްވަރު ހަގީގަތުގައި އެއްވެސް ވިޒިޓާއެއް އައިސްގެން ނުވާނެ. ތިބޭފުޅުންގެ ފަރާތުންވެސް އެކަންކަން ހުއްޓުވުމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ގައިދުރުކުރުމާއި، އާންމު ސާފުތާހިރުކަމަށްވެސް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ކޮންމެ ގެއަކުންވެސް ފިހާރަތަކަށް ވިޔަފާރިކުރުމަށް ދާން ކޮންމެވެސް އެކަކު ހާއްސަކޮށްފައި ބަހައްޓަން ޖެހޭ ކަމަށާއި، ޑެލިވަރީން ގެއަށް ގެންނަ ތަކެތިވެސް ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފު ކުރުން ނުވަތަ ޑިސްއިންފެކްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ގޭގައި ބަލީގެ ހައި ރިސްކު ކެޓަގަރީތަކުގެ މީހެއް އުޅޭނަމަ ހާއްސަ ނަޒަރިއްޔާތަކުން އެމީހަކާ މެދު އަމަލު ކުރަން ޖެހޭ ކަމަށާއި، އެމީހާއަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ރައްކާތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ގޭތެރޭގައި ތިބެގެންވެސް ކަސްރަތު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ދުޅަހެޔޮކަންމަތީ ތިބުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.