އަލީ ޔާމިން
މޫސުން ގޯސްވެފައިވާތީ ކޮވިޑުގެ އޮޕަރޭޝަންތަކަށް އިތުރު ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ކޮވިޑުގެ އޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާ ކަމަށާއި ނަމަވެސް އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރުގެ މޫސުން ގޯސްވެފައިވާތީ، އަޅުގަނޑުމެންގެ އޮޕަރޭޝަނަށް މިއޮތީ ދަތިތަކެއް ކުރިމަތިވެފައި. އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައްޔާއި، އެއްތަނުން އަނެއްތަނަށް ބަލި މީހުން ގެންދިއުމަށް ވަނީ ލަސްކަމެއް އައިސްފައި" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކްގެ އިތުރުން، ރެޕިޑް ރެސްޕޮންސް ޓީމުންވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ސާމްޕަލްތައް ނެގުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފައެވެ.
މިރޭގެ ޕްރެސްގައި ވާހަކަދައްކަވަމުން ރެޕިޑް ރެސްޕޮންސް ޓީމުގެ އަބްދުލް ހަމީދު ވިދާޅުވީ، އާރްއާރްޓީ ޓީމުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުން ގެންދަނީ ވަރަށް ރިސްކު ބޮޑު މަސައްކަތެއް ކަމަށާއި މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މިއީ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުން އެންމެ ރައްކާތެރި ދުވަސްކޮޅެއް ނޫން ކަމަށެވެ. ނަމަވެސް މޫސުން ތަންދޭ މިންވަރަކުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނާނެ ކަމަށް ވިދާޅުވިއެވެ.