ކުއްލި ޚަބަރު

އިތުރު 15 މީހުން ކޮވިޑުން ރަނގަޅުވެ ރާއްޖޭގައި ބަލިން ފަސޭހަވީ މީހުންގެ އަދަދު 74 އަށް

އަލީ ޔާމިން

އިތުރު 15 މީހުން ކޮވިޑުން ރަނގަޅުވެ ރާއްޖޭގައި ބަލިން ފަސޭހަވީ މީހުންގެ އަދަދު 74 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިތުރު 15 މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ ބަލިން ފަސޭހަވީ މީހުންގެ އަދަދު 74 އަށް އަރާފައިވާ ކަމަށެވެ.

"މިހާތަނަށް 74 މީހަކު މިވަނީ މި ބަލިން ޝިފާ ލިބިފައި،" މަބްރޫކް ވިދާޅުވިއެވެ.

ބަލިން ފަސޭހަވީ މީހުންގެ ތަފްސީލުތައް ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ބަލިން ފަސޭހަވީ 11 ފިރިހެނަކާއި ހަތަރު އަންހެނެއް ކަމަށެވެ. އެއީ ބިދޭސީ އަށް މީހަކާއި ހަތް ދިވެހިންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 1106 މީހަކަށް ކޮވިޑު ޖެހިފައިވާއިރު ނުވަ މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.