ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު 1106 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޓެސްޓުކުރުމަށް 15602 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ރޭގެ ޕްރެސް ކޮންފަރެންސުން ފެށިގެން މިއަދުގެ މިހާތަނާ ހަމައަށް 328 ސާމްޕަލެއް ވަނީ ނެގިފައި. ޖުމްލަ މިވަނީ 15602 އަށް އަރާފައި. ޕޮޒިޓިވްވެފައި މީހުން، އިއްޔެގެ ޕްރެސްއިން މިއަދުގެ ޕްރެސްއަށް އެއީ 16. އެއާއެކު ޕޮޒިޓިވްކޭސްތަކުގެ ޖުމްލަ އަދަދު މިވަނީ 1106 އަށް އަރާފައި،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ނަތީޖާ ނުލިބި ލެބޯޓަރީގައި މިވަގުތު ހުރީ 322 ސާމްޕަލް ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިއްޔެ ޕްރެސްއިން ފެށިގެން މިއަދުގެ ޕްރެސްއާ ހަމައަށް ބައްޔަށް ޕޮޒިޓިވްވި 16 މީހުންނާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 66 މީހެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް 345 ތަނެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތް ކަމަށާއި އައިސޮޮލޭޝަންގައި 995 މީހަކު އެބަތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1509 މީހަކު އެބަތިބި ކަމަށާއި ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔަ މީހުންގެ އަދަދު 500 އަށް އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 74 މީހަކު ވަނީ ރަނގަޅުވެފައެވެ.