ކޮވިޑް 19ގެ ސަބަބުނ ްޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި މިއަހަރުގެ ފިތުރު އީދު ނަމާދު ގޭގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
މިހާރުގެ ހާލަތު ހުރި ގޮތުން ތިމާގެ ރައްކާތެރި ކަމަށްޓަކައި ގެއިން ބޭރަށް ނުކުތުމާއި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެ، ޖަމާއަތުގައި ނަމާދު ނުކުރެވޭ ހާލަތެއް މެދުވެރިވެ ގޭގައި ތިބެން ޖެހިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ ޝަރުއީ އުޒުރެއްގެ ސަބަބުން އީދު ނަމާދު ބޮޑު ޖަމާއަތުގައި ގާއިމު ނުކުރެވިއްޖެނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމު ކުރުން ޝަރުއު ވެގެންވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެނަމަ، އަނަސްގެފާނު ގޭގައި ނަމާދު ކުރެއްވިކަން ސައްހަ ރިވާޔަތްތަކުން ވަނީ ވާރިދުވެފައެވެ.
އެގޮތުން މިފަދަ ހާލަތުގައި ގޭގައި ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް އީދު ނަމާދު ކުރާ ފަދައިން ކަމަށް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ގޭގައި އީދު ނަމާދު ކުރާ އިރު ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލައި ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ. އަދި ގޭގައި ކުރާއިރު އެކަނި އީދު ނަމާދު ކުރެވުނު ނަމަވެސް އައުލާކަން ބޮޑުވެގެން ވަނީ ގޭގެ އަހުލުންނާއެކު ޖަމާއަތުގައި ނަމާދު ކުރުންކަމަށް މިނިސްޓްރީން ބުނެއެވެ.
މި ބަޔާނުގައި މިނިސްޓްރީން ވަނީ ގޭގައި ނަމާދު ކުރާއިރު އަމަލު ކުރާނެގޮތް އާންމުކޮށްފައެވެ. އެއީ؛
މިނިސްޓްރީން ބުނީ އީދު ނަމާދު ވަގުތަކީ ލޮންސިއެއްގެ މިންވަރަށް އިރު އެރުމުންނެވެ. އެއީ އިރުއަރާ ވަގުތުން ފެށިގެން ގާތްގަނޑަކަށް 20 މިނެޓު ފަހުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި އެންމެންގެ މަސްލަހަތަށް ރާއްޖޭގައި އީދު ނަމާދު ކުރަނީ ހެނދުނު 7:30 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ގޭގައި އީދު ނަމާދު ކުރިކަމުގައި ވީނަމަވެސ،ް ގިނަގިނައިން ތަކުބީރުކިޔައި، ދުއާކޮށް، ޝަރުއީ ހަމަތަކުގެ މަތީން ރައްކާތެރިކަމާއެކު ގޭގެ އަހުލުންނާއެކު އީދު ފާޅު ކުރުމަށް މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.