ކުއްލި ޚަބަރު

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1094 އަށް

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1094 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށެވެ.

އިތުރު ހަތަރު މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި އިންޑިއާގެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ބަންގުލަދޭޝްގެ 562 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 388 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 104 މީހަކާއި ނޭޕާލުގެ 15 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގެ ފަސް މީހަކު ވެސް ހިމެނެއެވެ.

‎ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.