ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފިއެވެ.
މަޖިލީހުން އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ މާދަމާގެ ޖަލްސާއަށެވެ. އެ ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 11:00 ގައެވެ.
އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ. މާދަމާގެ ޖަލްސާގައި އޮންނާނީ އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުކުރުމެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް 19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެޗްއާރުސީއެމުން އެދެވޭ ގޮތެއްގައި މަސައްކަތްކުރަމުން ނުދާ ކަމަށެވެ. އަދި މި ހާލަތާއެކު އެޗްއާރުސީއެމްގެ މަސައްކަތް ލަހުން ފެށިކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ ރައީސް އާމިނަތު އީނާސްއާއި ނައިބު ރައީސް މުހައްމަދު ޒާހިދާއި އައިޝަތު އަފިރީން މުހައްމަދާއި މޫސާ އަލީ ކަލޭފާނު އަދި ނައިވީން އަބްދުﷲ އެވެ.
އެ މައްސަލައިގެ އިތުރުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގަނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު ވެސް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ކޮވިޑް 19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް، ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" ގެ ބިލާއެކު، ސަރުކާރުން މަޖިލީހަށް ފޮނުވި ބިލެކެވެ.