ކުއްލި ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި މާދަމާ ފުރުވައިލަނީ

ބަންގްލަދޭޝްގެ އިތުރު 200 މީހުން މޯލްޑިވިއަންގެ ފްލައިޓެއްގައި މާދަމާ ފުރުވައިލަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ބަންގުލަދޭޝް މީހުން ފުރުވައިލުމަށް އިތުރު ފުލައިޓެއް ހަމަޖައްސާފައިވާ ކަމަށެވެ.

"މާދަމާ އަނެއްކާވެސް ފުލައިޓެއް އެބައޮތް އެރޭންޖުކުރެވިފައި. މޯލްޑިވިއަންގެ ފުލައިޓެއް، އެ ފުލައިޓުގައި 200 މީހުން ދަތުރުކުރާނެ ކަމަށް ބަންގުލަދޭޝަށް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ބަންގުލަދޭޝަށް މީހުން ފުރުވައިލުމަށް ދެ ފުލައިޓެއް ދަތުރުކުރި ކަމަށާއި ދަތުރުކުރަން ހަމަޖެހުނު 15 މީހަކަށް ފުރިފައިނުވާ ކަމަށެވެ. އަދި އެމީހުންނަށް ފުރިފައިނުވަނީ އެމީހުންގެ ޑޮކިއުމެންޓޭޝަނުގެ މައްސަލަތަކެއް ހުރީމަ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގުލަދޭޝްގެ 67 މީހަކު މިއަދު ވަނީ އަނބުރާ ގައުމަށް ފުރުވާލައިފައެވެ. މިއަދު އެމީހުން ފުރުވާލާފައިވަނީ ރާއްޖެއަށް އިއްޔެ ކާގޯ ހިފައިގެން އައި ބަންގްލަދޭޝްގެ އެއާފޯސް ފުލައިޓުގައެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގުލަދޭޝްގެ 353 މީހަކު އިއްޔެ ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ. އެމީހުން ގައުމަށް ފޮނުވާލާފައިވަނީ ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ރާއްޖެ އައި ބަންގުލަދޭޝްގެ ގައުމީ އެއާލައިން، ބިމާންގެ ފްލައިޓުގައެވެ.