ކުއްލި ޚަބަރު

މިހާލަތުގައި ކޮންމެ ގެޔަކުންވެސް ވިޔަފާރިކުރަން ބޭރަށް ދާން ހާއްސަ އެކަކު ކަނޑައެޅުން މުހިންމު: ޑރ. އަފްޒަލް

އަލީ ޔާމިން

މިހާލަތުގައި ކޮންމެ ގެޔަކުންވެސް ވިޔަފާރިކުރަން ބޭރަށް ދާން ހާއްސަ އެކަކު ކަނޑައެޅުން މުހިންމު ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ ގެއަކުންވެސް ވިޔަފާރީގެ ބޭނުމަށް ބޭރަށް ދާން ކޮންމެވެސް އެކަކު ހާއްސަކުރަން ޖެހޭ ކަމަށެވެ.

"މިހާރު އާދައަކަށް ހަދަން ވެއްޖެ ކޮންމެ ގެއަކުންވެސް ޑެޒިގްނޭޓެޑް ޝޮޕާއެއް، މާނައަކީ ވިޔަފާރި ކުރަން، އެއްޗެހި ގަންނަން ކޮންމެވެސް އެކަކު ބެހެއްޓުން. އެހެންކަމުން އެމީހާ އަބަދުވެސް އެކްސްޕޯޝާއަށް ހުށަހެޅޭ މީހެއްގެ ގޮތުގައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ތަކެތި ގަންނަން ބޭރަށް ދާ މީހާވެސް އެނބުރި ގެއަށް އައިސް އެހެން މީހުންނާއި ބައްދަލުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމާއި، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، ފެންވަރާލައިގެން އެހެން މީހުންނާ ބައްދަލުކުރުމުން އެމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވެގެންދާ ކަމަށެވެ.

މީގެ އިތުރުން ޑެލިވަރީ ހިފައިގެން ގެއަށް އަންނަ މީހާއާވެސް އެކަށީގެންވާ ގައިދުރުކަމެއް ބަހަށްޓަން ޖެހޭ ކަމަށާއި ޑެލިވަރީން ގެންނަ ތަކެއްޗަކީ ޑިސްއިންފެކްޓް ކުރެވޭ ތަކެތި ތަނަ އެންމެ ރަނގަޅު ގޮތަކީ ބޭނުންކުރުމުގެ ކުރިން އެތަކެތި ޑިސްއިންފެކްޓް ކުރުން ކަމަށް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ ފިހާރަތަކަށް ދިއުން ވީހާވެސް މަދުކުރުން ކަމަށެވެ.