ކުއްލި ޚަބަރު

ރާއްޖެއިން އިންޑިއާއަށް ދިޔަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން ވަނީ ޔަގީން ވެފައި: މަބްރޫކް

ރާއްޖެއިން އިންޑިއާއަށް ދިޔަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން ވަނީ ޔަގީން ވެފައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި މިދިޔަ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާގެ މަނަވަރުގައި ރާއްޖެއިން ދިޔަ ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ ދެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެ ނޫހުން ބުނާގޮތުގައި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މަނަވަރު އިންޑިއާއަށް ދިއުމަށްފަހު، އޭގައި ތިބި މީހުން ޓެސްޓު ކުރުމުންނެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މީގެ ކުރިން ވިދާޅުވީ، އެ މައުލޫމާތު މިހާތަނަށް ރަސްމީ ގޮތަކަށް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރަސްމީ ޗެނަލްތަކުން އިންޑިއާއަށް ދިޔަ ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މިހާރު މައުލޫމާތު ދީފައިވާ ކަމަށެވެ

އެ ތިން މީހުންނަކީ ބައިސަން މޯލްޑިވްސްގައި މަސައްކަތް ކުރާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައިސަން އިން ރާއްޖޭގެ ރަށްރަށުގައި ވެސް ބައެއް ވިޔަފާރިތައް ކުރާއިރު އެއީ ބައިސަން ކުންފުނީގެ ދަށުން ކޮންތަނެއްގައި މަސައްކަތްކުރާ ބައެއް ކަމެއް ނޭނގެ އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، މިހާރު ވެސް ބިދޭސީންނާ ގުޅޭގޮތުން ކަށަވަރު ނުކުރޭ ބައެއް މައުލޫމާތުތައް ކަށަވަރު ކުރުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި މީހުން ގެންދިއުމަށް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ތިން މަނަވަރެއް ފޮނުވައިފަ އެވެ. އެ ތިން މަނަވަރުގައި ގާތްގަނޑަކަށް 1500 އެއްހާ މީހުން އަނބުރާ ގެންގޮސްފައިވެ އެވެ.