ކުއްލި ޚަބަރު

އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1083 އަށް

އިތުރު ފަސް މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1083 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަތަރު މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން ފެނިފައިވަނީ ހަމައެކަނި މި ފަސް ކޭސްއެވެ. މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހަށްފަހު އެންމެ މަދު ޕޮޒިޓިވް ކޭސް ފެނުނު ދުވަހެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގުލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ބަންގުލަދޭޝްގެ 561 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 379 މީހެކެވެ. ދެން ހިމެނެނީ އިންޑިއާގެ 103 މީހަކާއި ނޭޕާލުގެ 15 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އޭގެ އިތުރުން އެހެން ގައުމުތަކުގެ ފަސް މީހަކު ވެސް ހިމެނެއެވެ.

‎ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 49 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.