ފިޓްބިޓް އިން ވެންޓިލޭޓަރު އުފައްދަަން ފަށައިފިއެވެ.
ފިޓްނެސް ޓްރެކިން ޑިވައިސްތައް އުފެއްދުމުގައި މަޝްހޫރު ކުންފުނި ފިޓްބިޓް އިން ވެންޓިލޭޓަރު އުފެއްދުމަށް ނިންމާފައި މިވަނީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ވެންޓިލޭޓަރު ހޯދުމަށް ދަތިވެފައިވުމާއެކު އެކަމަށް އެހީވުމަށްކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ފިޓްބިޓްގެ ސީއީއޯ ޖޭމްސް ޕާކް ވިދާޅުވީ މިދަތި ދަނޑިވަޅުގައި ފިޓްބިޓްއިން ސިއްހީ ދާއިރާއަށް އެހީ ވުމަށް ވެންޓިލޭޓަރު އުފައްދައި ފުރަތަމަ ޑިޒައިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެފްއީއޭ އިން ހުއްދަލިބުމާއެކު ވެންޓިލޭޓަރުތައް އުފައްދައި ސަޕްލައިކުރަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
ޖޭމްސް ޕާކް ވަނީ ފިޓްބިޓްގެ ވެންޓިލޭޓަރުތައް ވާނީ އެންމެ އެޑްވާންސް އަދި އެންމެ އަގުހެޔޮ ވެންޓިލޭޓަރު ކަމަށް ބުނެފައެވެ. އެކަމަކު ފިޓްބިޓް އިން ވެންޓިލޭޓަރު ވިއްކާނެ އަގެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ނަން މަޝްހޫރު ޓެކް ކުންފުނިތަކުން ވަނީ އަމިއްލައަށް ވެންޓިލޭޓަރު އުފައްދަން ފަށައިފައެވެ. އެގޮތުން ނާސާއިންވެސް ވަނީ އަމިއްލަ ވެންޓިލޭޓަރު އުފައްދައި ހުއްދައަށް އެދިފައެވެ. އިލެކްޓްރިކް ސާމާނު އުފައްދާ ބެލްކިން އިން ވަނީ ސިންގަލް ޔޫސް ވެންޓިލޭޓަރު އުފައްދައިފައެވެ. ނަމަވެސް އަދި މިހާތަނަށް ހުއްދި ލިބިފައެއް ނުވެއެވެ.
މަޝްހޫރު ކާރު އުފައްދާ ކުންފުނި ޓެސްލާއިންވެސް ވަނީ ކާރު އުފެއްދުމަށް ބޭނުންކުރާ ބައިތަކުން ވެންޓިލޭޓަރެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ.