ލެގޯ ބްލޮކް މަތީ ހުސްފަޔާ ހިނގާނެ ވޮލެންޓިއަރުން ހޯދަމުގެ މަސައްކަތް އިނގިރޭސި ޗެރިޓީއަކުން ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ ކައުޑްވެލް ޗިލްޑްރަން ނަމަކަށް ކިޔާ ޗެރިޓީ ކުންފުންޏަކުން ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް އެހީ ހޯދުމަށް ކުރިޔަށް ގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.
ލެގޯ ބްލޮކް މަތީ ހުސްފައިގައި ހިނގާ މިހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ގޭގައި ތިބެގެން އޮންލައިން ކޮށް ބައިވެރިވެވޭނެއެވެ. ކައުޑްވެލް ޗިލްޑްރަން އިން ވަނީ ލެގޯ ބްލޮކް މަތީ ހުސްފައިގައި ރައްކާތެރިކަމާއެކު ހިނގާނެ ގޮތުގެ ޑެމޯ ވީޑިއޯއެއްވެސް ތައާރަފު ކޮށްފައެވެ.
ކައުޑްވެލް ޗިލްޑްރަންގެ އޮފިޝަލަކު ވަނީ މިއީ ކޮންމެ މީހަކުވެސް ހަޔާތުގެ ކޮންމެވެސް ހިސާބެގައި ތަޖުރިބާ ކޮށްފައިވާނެ ކަމެއް ކަމަށާއި ބައެއް ފަހަރު ވަރަށް ވޭން ހުރި ކަމެއްކަމުގައި ބުނެފައެވެ.
އިނގިރޭސިވިލާތުގެ ފަޔާވޯކްސް އާއި ގުޅިގެން ހިންގުމަށް ހަމަޖައްސާފައިވާ މިހަރަކާތުގެ ސަބަބުން ބުރަ އަދި އުނދަގޫ ހަރުފަތެއް ހުރަސްކުރުމުގައި އުފުލަން ޖެހޭ ވޭން އިހުސާސް ކުރުވާނެ ކަމަށް އޮފިޝަލު ވަނީ ބުނެފައެވެ. އަދި މިއީ މަޖާ އާއިލީ އިވެންޓަކަށް ވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކައުޑްވެލް ޗިލްޑްރަންގެ މި އިވެންޓު ވެބްސްޓްރީމް ކުރުމަށް ވަނީ ނިންމާފައެވެ.