މުހައްމަދު އައުޒަމް
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްނެންގެވުމުގެ ދަށުން އުފައްދައިފައިވާ ކޮވިޑް ސޯޝަލް ސެކިއުރިޓީ ފަންޑަށް އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު އެއް ބިލިއަން ރުޕީސް ހަމަވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ލަންކާގައި ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތާއި އެގައުމުގެ ވެލްފެއާ މަސައްކަތްތަކަށް އެހީވުމަށް އުފެއްދި މިފަންޑަށް ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވަނީ އެމަނިކުފާނުގެ ތިންމަހުގެ މުސާރަ ހަދިޔާކުރައްވައިފައެވެ.
ލަންކާގެ ސޯޝަލް ސެކިއުރިޓީ ފަންޑަށް އެގައުމުގެ ބޮޑެތި ވިޔަފާރިތަކުން ގިނަ އެހީތަކެއް ލިބިފައިވާއިރު އަމިއްލަ ފަރުދުންވެސް ވަނީ ބޮޑެތި އެހީތަކެއް ވެފައެވެ.
ފަންޑަށް އެހީ ވި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އެގައުމުގެ ޓެލެކޮމް ޕަބްލިކް ކޮމްޕެނީ އެންޑް މޮބިޓެކް އިންވެސްޓުން ވަނީ 50 މިލިއަން ރުޕީސް ހަދިޔާކޮށްފައެވެ. އަދި އެގައުމުގެ ނެޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީންވެސް 50 މިލިއަން ހަދިޔާކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
ލަންކާގެ ސޯޝަލް ސެކިއުރިޓީ ފަންޑަށް ފަައިސާ ހޯދުމަށް ގިނަ ކެމްޕެއިންތަކެއް ފަށާފައިވާއިރު އެތައްބަޔަކު އަދިވެސް އެހީ ވާނެކަމަށް ވަނީ ބެލެވިފައެވެ.