ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހަކު ވިހޭ ދަރިފުޅު ކޮވިޑަށް ނެގެޓިވް ވެއްޖެ

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހަކު ވިހޭ ދަރިފުޅު ކޮވިޑަށް ނެގެޓިވް ވެއްޖެ އެވެ.

މި އަންހެން މީހާއަކީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 44 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުން، އާންމު އުސޫލުން ކޮވިޑަށް ޓެސްޓްކުރުމުން ނެވެ. އެއާއެކު އޭނާ ދެން ގެންގޮސްފައިވަނީ ކޮވިޑަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެ އަންހެން މީހާ އެދުވަހު ވިހާފައިވާ ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އޭނާ ވިހާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށް ވިދާޅުވި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ އަންހެން މީހާ ވިހޭ ދަރިފުޅު ކޮވިޑަށް ނެގެޓިވް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މާބަނޑު މީހަކު ވިހޭ ދަރިފުޅު ކޮވިޑަށް ނެގެޓިވްވި އިރު، ވިހޭތާ އެއް މަސް ނުވާ ތުއްތު ކުއްޖަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދޭ ގޮތުގައި އެކުއްޖާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެ އެވެ. އަދި މިހާރު އެކުއްޖާގެ މަންމަ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިރޭ ޑރ. ނަޒްލާ ވިދާޅުވި އެވެ.