ކުއްލި ޚަބަރު

ނިއު ނޯމަލްގައި ވެސް ދެތިންމަސް ދުވަހު އުޅެން ޖެހިދާނެ: ޑރ. އަފްޒަލް

އަލީ ޔާމިން

ނިއު ނޯމަލްގައި ވެސް ދެތިންމަސް ދުވަހު އުޅެން ޖެހިދާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުން ރާއްޖެ އާއި މާލެ ވީއްލިޔަސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ފިހާރަތަކަށް ދިއުމުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، އަތްދޮވުމާއި، އެނޫންވެސް ކަންކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ނިއު ނޯމަލްގައިވެސް ދެތިން މަސް ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހު އުޅެން ޖެހިދާނެ ކަމަށެވެ.

"ނިއު ނޯމަލްއެއްގައި އަޅުގަނޑުމެން ތިބެން ޖެހޭ ދެތިންމަސް ނުވަތަ އެއަށް ވުރެވެސް ގިނަ ދުވަސް. ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ގޮތްތަކަށް އަމަލުކޮށްގެން ބޮޑު ސާޖެއް އައުމުން ހުއްޓުވޭނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ލޮޑްކައުންގެ ފައިދާ ފެންނަމުން އަންނަ ކަމަށާއި، ލޮކްޑައުންގެ ފައިދާ ދެމެހެއްޓޭނީ ލޮކްޑައުނުން ވީއްލުމުން ނުވަތަ ލޮކްޑައުންގެ ހާލަތުން ގައުމު ނެގުމުންވެސް ސިއްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކަށް ތަބާވެގެން ކަމަށެވެ.

ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވެސް ވަނީ ގައުމު ނިއު ނޯމަލްއަށް ދިއުމަށް ތައްޔާރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.