އުމުރުން އެއް މަސް ނުވާ ކުއްޖަކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެކުއްޖާއަކީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެ، ފަހުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ.
"އެކުއްޖާ އަޅުގަނޑުމެން ޓެސްޓުކުރީ އެއީ ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް، ފަހުން އޭނާ ޕޮޒިޓިވްވީ. އެމީހާ ހުރީ މިކުއްޖާއާ ކޮންޓެކްޓްވެފައި. ދެން އެކުއްޖާގެ ކޮންމެވެސް ވަރަކަށް އަލާމާތްތައް ފެނުމާ އެއްކޮށް، އަޅުގަނޑުމެން ޓެސްޓުކުރީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުރަތަމަ ބައްޔަށް ޓެސްޓު ކުރީ އެކުއްޖާ ކަމަށާއި މިހާރު ކުއްޖާގެ މަންމަ ވެސް ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިކުއްޖާ ހުރީ ކޮންތަނެއްގައި ކަމެއް ނޭނގެ އެވެ.
މި ކުއްޖާ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު އެންމެ ކުޑަ ކުއްޖާއެވެ. މީގެ ކުރިން ވަނީ ހަތް މަހުގެ ތުއްތު ކުއްޖަކަށް ވެސް ކޮވިޑް ޖެހިފަ އެވެ.