އަލީ ޔާމިން
ހޯމް ކަރަންޓީނު ކުރާނީ ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެއްގޮތަށް ގޭގައި އެކަހެރިވެވޭނެ ކަމުގެ ޔަގީންކަން ލިބިގެން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ހޯމް ކަރަންޓީނަކާ ހަމައަށްދާއިރު ވަރަށް ގިނަ ކަންތައްތަކެއް ބަލާނެ ކަމަށާއި އެގޮތުން ހޯމް ކަރަންޓީން ކުރާނީ ކަނޑައަޅާ ވަކި ޝަރުތުތަކަކާ އެއްގޮތަށް ގޭގައި އެކަހެރިވެވޭނެ ކަމުގެ ޔަގީންކަން އޮތް މީހުން ކަމަށެވެ.
"ހޯމް ކަރަންޓީނަކާ ހަމައަށް ދާއިރު އަޅުގަނޑުމެން ހޯމް ކަރަންޓީނު ކުރާނީ ހޯމް ކަރަންޓީނުގައި ތިބުމަށް ޝަރުތުތައް ފުރިހަމަ ވަންޏާ. މާނައަކީ އޭނާއަަށް އެކަހެރިވެގެން ހުރެވޭނެ ސެޓަޕެއް ހުރި ގެއެއްނަމަ އޭނާއަށް ވަކިން ރޫމެއް ހުންނަ ގޮތަށް އަދި އޭނާ ބޭނުން ކުރާ ވަކި ފާހާނައެއް ހުރެފައި މިކަހަލަ ޝަރުތުތަކެއް ހުރެގެން ހޯމް ކަރަންޓީނަށް ދެވޭނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެ ޝަރުތުތައް ފުރިހަމަ ނުކުރެވޭ ނަމަ އެމީހަކު ކަރަންޓީން ކުރެވޭނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފެސިލިޓީއެއްގައި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު "ވަން"އަށް މައުލޫމާތުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ހޯމް ކަރަންޓީން ކުރަން ފަށާނެ ސީދާ ތާރީހެއް އަދި ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ވަނީ ޑޮކްޓަރުންގެ ޓީމަކުން ހޯމް ކަރަންޓީނާ ބެހޭ ޕެނަލް ޑިސްކަސަންއެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ވަނީ ހޯމަ ކަރަންޓީން ކުރުމުން އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލުތައް ކިޔާދީފައެވެ.