ކުއްލި ޚަބަރު

ހިންމަފުށީ ރީހެބުގައި އުޅޭ މީހުން އެތަނަށް ނޭނގި ރަށުތެރެޔަށް ނުކުމެ އުޅޭކަން އެނގިފައިވޭ: ޑރ. ނަޒްލާ

ހިންމަފުށީ ރީހެބުގައި އުޅޭ މީހުން އެތަނަށް ނޭނގި ރަށުތެރެޔަށް ނުކުމެ އުޅޭކަން އެނގިފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކ. ހިންމަފުށީގައި ހުންނަ ޑްރަގު ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) އިން ނެގި ދިހަ ސާމްޕަލުގެ ތެރެއިން ތިން ސާމްޕަލެއް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށާއި މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑީޓީއާރުސީން ބޭރަށް ނުނުކުމެވޭގޮތަށް ލޮކްޑައުންކޮށްފައި އޮތް ނަމަވެސް، މެނޭޖްމަންޓަށް ނޭނގި ބައެއް މުވައްޒަފުން ރަށު ތެރެޔަށް ނުކުމެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެތަން ލޮކްޑައުންކުރި ކަމުގައިވިޔަސް، ކޮންމެވެސް ވަރަކަށް ބައެއް ސްޓާފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި އެ ރަށު ތެރެޔަށް ކޮންމެވެސް ވަރަކަށް ގޮސްފައިވާކަން. އަދި ރަށު ތެރޭގައި އުޅެފައިވާ ކަމަށް. އެހެންވީމާ އެމީހުންގެ މައުލޫމާތުތައް އަޅުގަނޑުމެން މިހާރު އިތުރަށް ހޯދާފައިވާނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފަހުން ޑީޓީއާރުސީއަށް ފަރުވާއަށް މީހުން ގޮސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ހަތަރު މީހަކު އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެއަށް ދިޔަ މީހަކު ވެސް ހިމެނޭ ކަމަށާއި އެހެން މީހުންނަށް ބަލި ޖެހުނީ އެމީހާގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން ދެ މީހުން މިހާރު އެތަނަކު ނެތް. އެކަކު ހުރީ އޭނާގެ އާއިލާއަށް ދިމާވި ހާދިސާއަކާ ގުޅިގެން މާލެ ގެނެސްފައި. އޭނާގެ އާއިލާއާ އެއްކޮށް ހުރީ. އަނެކަކު ވެސް އެތަނަށް ދިޔަތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އަތުވެއްޖެ. 13 ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ އަޅުގަނޑުމެން ބެލި ބެލުމުން، އޭނާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން މާލެއަށް ގޮސް އުޅުނު އިރުގައި ގޮސް ހުރި ތަންތަން އަޅުގަނޑުމެން ބަލައިލި އިރުގައި އޭނާ ގޮސްފައި ހުރި އެއް ގެޔަކުން މިއަދު އަޅުގަނޑުމެންނަށް ބޭރު މީހަކު، ޕޮޒިޓިވް މީހަކު ވަނީ އައިޑެންޓިފައި ކުރެވިފައި. އެހެންވީމާ މިއީ އެތަނަށް ބަލި ދިއުމުގެ ޕޮސިބަލް ރޫޓަށް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ." އޭނާ ވިދާޅުވިއެވެ.