ހިންމަފުށީ ރީހެބަށް ކޮވިޑު ދިޔައީ މާލޭން އެތަނަށް ދިޔަ ބައެއްގެ ފުށުން ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކ. ހިންމަފުށީގައި ހުންނަ ޑްރަގު ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) އިން ނެގި ދިހަ ސާމްޕަލުގެ ތެރެއިން ތިން ސާމްޕަލެއް އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށާއި އެންމެ ފަހުން ޑީޓީއާރުސީއަށް ފަރުވާއަށް މީހުން ގޮސްފައިވަނީ މިދިޔަ މަހުގެ 13 ގައި ކަމަށެވެ.
"އެދުވަހު ހަތަރު ކްލަޔަންޓުން ގޮސްފައިވޭ. އެ ހަތަރު ކްލަޔަންޓުންގެ ތެރެއިން އެކަކު ހިމެނޭ އަޅުގަނޑުމެން ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި. އޭގެ ތެރެއިން ދެ މީހުން މިހާރު އެތަނަކު ނެތް. އެކަކު ހުރީ އޭނާގެ އާއިލާއަށް ދިމާވި ހާދިސާއަކާ ގުޅިގެން މާލެ ގެނެސްފައި. އޭނާގެ އާއިލާއާ އެއްކޮށް ހުރީ. އަނެކަކު ވެސް އެތަނަށް ދިޔަތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އަތުވެއްޖެ. 13 ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ އަޅުގަނޑުމެން ބެލި ބެލުމުން، އޭނާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން މާލެއަށް ގޮސް އުޅުނު އިރުގައި ގޮސް ހުރި ތަންތަން އަޅުގަނޑުމެން ބަލައިލި އިރުގައި އޭނާ ގޮސްފައި ހުރި އެއް ގެޔަކުން މިއަދު އަޅުގަނޑުމެންނަށް ބޭރު މީހަކު، ޕޮޒިޓިވް މީހަކު ވަނީ އައިޑެންޓިފައި ކުރެވިފައި. އެހެންވީމާ މިއީ އެތަނަށް ބަލި ދިއުމުގެ ޕޮސިބަލް ރޫޓަށް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑީޓީއާރުސީ ލޮކްޑައުންކޮށްފައިވާ ކަމަށް އެތަނުން މައުލޫމާތުދޭ ކަމަށާއި ސްޓާފުންނާއި ކްލަޔަންޓުން ފެސިލިޓީން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެތަނުގެ މެނޭޖްމަންޓަށް ނޭނގި ބައެއް ސްޓާފުން އެ ރަށު ތެރެޔަށް ކޮންމެވެސް ވަރަކަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"ޑީޓީއާރުސީ ވަނީ 22 އޭޕްރީލުގައި ލޮކްޑައުންއަކަށް ގޮސްފައި ކަމަށް އެބޭފުޅުން މައުލޫމާތުދެއްވާ. ސްޓާފުންނާއި ކްލަޔަންޓުން ފެސިލިޓީން ބޭރަށް ނުކުތުމާއި ކަންތައްތައް ހުއްޓާލެވިފައިވާ ކަމަށް. އެތަނަށް ކޮންމެ ދުވަހަކުވެސް ކާ އެއްޗެހި ގެންދޭ. އެކަމަކު ކާ އެއްޗެހި ގެންދާ ފަރާތްވެސް ހަމައެކަނި ވެހިކަލުގައި ގޮސްފައި، އޭނާ އެތަނުގެ މީހުންނާ އެހާ ބޮޑަށް އިންޓަރެކްޓް ނުކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ. ކޮންމެވެސް ވަރަކަށް ބަލިވެގެން ހެލްތު ސެންޓަރަށް ދައްކަން ދެމީހަކު ގޮސްފައިވާ ކަމަށް. އެކަކު ރެގިއުލާކޮށް ބޭސްއަޅަން ހެލްތު ސެންޓަރަށް ގޮސްފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވަނީ." އޭނާ ވިދާޅުވިއެވެ.