ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ ތެރޭން އަލާމާތް ފެންނަ މީހުންގެ އަދަދު 61 ޕަސެންޓަށް އަރައިފިއެވެ.
ކޭސަސްތަކުގެ ތެރެއިން އަލާމާތްތައް ފެންނަ ކޭސްތައް އަލާމާތްތައް ފެންނަ އަދަދަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިރޭގެ 8:30 އާ ހަމައަށް އެންޓާ ކުރެވުނު 1058 ކޭސްގެ ތެރެއިން 61 ޕަސެންޓަކީ އަލާމާތްތައް ހުރި މީހުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ 648 މީހެކެވެ. އަލާމާތްތައް ނެތި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 39 ޕަސެންޓް މީހުންނެވެ. އެއީ 410 މީހެކެވެ.
މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވި ގޮތުން، އޭރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަލާމާތް ހުރި މީހުނަށްވުރެ އަލާމާތް ނެތް މީހުން ގިނަ އެވެ.
އޭގެ އިތުރުން ކޮވިޑު ޖެހިފައި ތިބި އެކަމަކު އަލާމާތް ނުފެންނަ ގިނަ ބަޔަކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވަނީ، އަލާމާތެއް ނެތް މީހުން ބަލީގެ މުއްދަތު ފަހަނައަޅައިދިއުމަށްފަހު އެއްވެސް އަލާމާތެއް ނުފެނި ރަނގަޅުވާ މީހުން ވެސް ތިބޭނެ ކަމަށާއި އިތުރަށް ބަލި ޖެހި ރަނގަޅުވެފައިވާ ބަޔަކު ވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް 1078 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 58 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.