ކުއްލި ޚަބަރު

ބަލި ފުރަތަމަ ފެނުނު އިރާއި އަޅައި ބަލާއިރު، ޕޮޒިޓިވް މީހުންގެ ކޮންޓެކްޓްސް ވަރަށް ބޮޑަށް ދަށްވެއްޖެ: ޑރ. ނަޒްލާ

ބަލި ފުރަތަމަ ފެނުނު އިރާއި އަޅައި ބަލާއިރު، ޕޮޒިޓިވް މީހުންގެ ކޮންޓެކްޓްސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުންއަށްފަހު ގިނަ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، އެ ކޭސްތަކުގެ ކޮންޓެކްޓްސް ވަރަށް މަދު ކަމަށެވެ.

"އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހަދަމުން ގެންދާއިރުގައި ކޭސްތަކުގެ ކޮންޓެކްޓްސް ފެންނަ އަދަދަށް ބަލައިލާއިރު، އެންމެ ފުރަތަމަ މާލެއިން ކޭސްއެއް ފެނުނު އިރާ ބަލާފައި މިހާރު ކޮންޓެކްޓްސްގެ އަދަދު ކޮންމެ ކޭހެއްގައި ވަރަށް ބޮޑަށް ދަށްވެފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ކޭސްއެއް ފެނުނު ހަފުތަގައި 66 ކޭސް އިން 1868 ކޮންޓެކްޓްސް ފެނިފައިވާ ކަމަށާއި ނަމަވެސް ޖެހިގެން އައި ހަފުތާގައި 191 ކޭސް އިން ފެނިފައިވަނީ 1972 ކޮންޓެކްޓްސް ކަމަށެވެ. އަދި ދެވަނަ ހަފުތާއަކީ އެއް ތަނެއްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވި ހަފުތާކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެއާއެކު 30 އޭޕްރީލުން ފެށިގެން ހިނގި ހަފުތާގައި 341 ކޭސް ފެނުނު އިރުގައި 1267 ކޮންޓެކްޓް. އަދި އެންމެ ފަހުން ނިމުނު ހަފުތާ، ހަތެއް މެއި އިން ފެށިގެން 13 މެއިއާ ދޭތެރޭގައި 337 ކޭސް ފެނުނު އިރު އަޅުގަނޑުމެންނަށް 914 ކޮންޓެކްޓް ފެނިފައިމިވަނީ. އެހެންވީމާ މިއިން ވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ ލޮކްޑައުން އައި ފަހުން ކޭސްތައް އިތުރުވަމުންދިޔަ ކަމުގައިވިޔަސް، އެވްރެޖްކޮށް ކޮންމެ ކޭސްއަކަށް ބަލާއިރުގައި ފެންނަ ކޮންޓެކްޓްސްގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ހުރިކަން. އަދި ޖުމުލަކޮށް ފެންނަ ކޮންޓެކްޓްސްގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވެފައިވާކަން." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 1078 މީހަކަށް ވަނީ ބަލި ޖެހިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 58 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.