ލެބް ޓެކްނީޝަނުންގެ ކިބައިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު މައާފަށް އެދިވަޑައިގެންފިއެވެ.
މަބްރޫކް މައާފަށް އެދިވަޑައިގެންފައިމިވަނީ ކޮވިޑުގެ ޓެސްޓުކުރުމަށް ރާއްޖެ ގެންނަ އާ މެޝިންތައް ގެނެވުމުން ލެބް ޓެކްނީޝަނުންގެ ބޭނުން މަދުވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މީގެ ދެ ރޭ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ބައެއް ލެބް ޓެކްނީޝަނުން ކަންބޮޑުން ފާޅުކުރުމާ ގުޅިގެންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ލެބޯޓަރީ ޓެކްނީޝަނުންގެ މައިގަނޑު ކަންބޮޑުވުމަކީ އެބޭފުޅުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރެވި ނުވަތަ ސަރުކާރަށް އެކަން ފަހުމު ނުވެ އޮތުން ކަމަށެވެ.
"އިއްޔެއާއި އޭގެ ކުރީ ދުވަހުގެ ރޭ އަޅުގަނޑަށް ބުނެވިފައި އޮތް ވާހަކައަކާ ގުޅިގެން ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މައިގަނޑު ގޮތެއްގައި ފާޅުކޮށްފައިވާ ކަންބޮޑުވުމަކީ މެޝިނަރީޒް ގެނަޔަސް ވެސް ޓެކްނީޝަނުންގެ ބޭނުން ނުކެނޑޭނެ ކަމަށް. އަދި އެބޭފުޅުން އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެންނަށް އަގުވަޒަން ނުކުރެވި ނުވަތަ ފަހުމު ނުވެ އޮތް ކަމަށްވާތީވެ އެކަމާ ގުޅޭގޮތުން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އޭނާއަކީ ސިއްހީ ދާއިރާގެ މީހެއް ނޫން ކަމަށާއި ނަމަވެސް އެންއީއޯސީގެ މަސައްކަތާއި ހަވާލުވި ފަހުން ސިއްހީ ކަންކަން ހުރި ނެތްގޮތް އޮޅުންފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އައިޖީއެމްއެެޗުގެ ލެބޯޓަރީއަށް ޒިޔާރަތްކޮށް، ޕީސީއާރު ޓެސްޓުތައް ހެދުމުގެ މަރުހަލާތައް ބަލައިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ކިތަންމެ މޮޅު މެޝިނެއް ހުއްޓަސް ލެބް ޓެކްނީޝަނުންގެ މަސައްކަތާ ނުލައި ޓެސްޓުތަކުގެ ނަތީޖާ ނުލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ޝުކުރުވެރިވަން އެބޭފުޅުން ރެއާ ދުވާލު އެކުރާ ބުރަ މަސައްކަތަށް. ކުރިން ދެންނެވިފައި ހުރި ވާހަކަތަކަށް އަޅުގަނޑު އެ އެންމެ ބޭފުޅުންގެ ކިބައިން މައާފަށް އެދެން،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ލެބް ޓެކްނީޝަނުންނަކީ ވަކި އިލްމަކާއި ވަކި ތަޖުރިބާއެއް ލިބިގެން ތިބި ބައެއް ކަމަށާއި އެމީހުން ކުރާ މަސައްކަތަކީ އެހެން ބަޔަކަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.