ކުއްލި ޚަބަރު

އިތުރު އެކަކު ކޮވިޑުން ރަނގަޅުވެ ރާއްޖޭގައި ބަލީން ފަސޭހަވި އަދަދު 59 އަށް

އިތުރު އެކަކު ކޮވިޑުން ރަނގަޅުވެ ރާއްޖޭގައި ބަލީން ފަސޭހަވި އަދަދު 59 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން ވަނީ، ކޮވިޑަށް ޕޮޒިޓިވްވި ނުވަ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.

އެއީ ފަސް ދިވެއްސަކާއި ޕާކިސްތާނުގެ މީހަކާއި ބަންގުލަދޭޝްގެ މީހަކާއި ސްރީލަންކާގެ މީހެއް އަދި އިންޑިއާގެ މީހެކެވެ. އެއާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 58 އަށް އަރައިފަ އެވެ.

ނަމަވެސް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާތަނަށް އެކު ޖުމްލަ 59 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 1078 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 58 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ބަންގުލަދޭޝްގެ 25 މީހަކާއި ނޭޕާލުގެ ދެ މީހަކާއި އިންޑިއާގެ ހަތަރު މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ. މަރުވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ދެމަފިރިން ވެސް ހިމެނެއެވެ.