އެންޓި ކޮރަޕްޝަން ކޮމިޝަން

އަލީ ވަހީދާއި އާތިފާގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެވުނީ އޮޅުމަކުން: އޭސީސީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރުގެ ކޮރަޕްޝަން މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް އޭސީސީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިނިސްޓަރު އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެވިފައި ވަނީ 2016 ވަނަ އަހަރު އެކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން އެދުވަސްވަރު މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެމައްސަލަ ބެލުމަށްފަހު ކޮރަޕްޝަން އެކުލެވިފައި ނުވާކަމަށް ނިންމައި 10 މާޗް 2016 ގައި އެމައްސަލަ ފައިލްކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުން ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެވިފައިވީ ނަމަވެސް އާތިފާގެ އެފަދަ މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ރައީސަށް އޭސީސީން ފޮނުވި ސިޓީގައި ވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގައި ބައެއް މެންބަރުން ވަނީ އޭސީސީން މަޖިލީހުގެ އިދާރާއަށް ކުރިން ދީފައިވާ އެމައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ހުރިހާ ވަޒީރުންނަށް ވެސް މަޖިލީހުން ރުހުން ދީފައިވެއެވެ.